ފިރިހެނަކަށް ކޮޓަރިއަށް ދާން ދައުވަތު ދިނުމަށްފަހު 53,000 ރުފިޔާ ފާ ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފިރިހެނާގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރު 15 ދުވަހަށް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވިފައިވަނީ ގއ. ކަނޑުހުޅުދޫއަށް ނިސްބަތްވާ 41 އަހަރުގެ ފިރިހެނެކެވެ. ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ 21:30 ހާއިރު އައިޖީއެމްއެޗް ކައިރިން އަންހެނަކު ދިވެހި ފިރިހެނަކު ހުއްޓުވާ، އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސްއަކަށް ގެންގޮސް އެ މީހާ ރަހީނުކޮށް، އޭނާގެ ފޯނާއި ކޭޝްކާޑު އަތުލައި އޭނާގެ އެކައުންޓުން 53,000 ރުފިޔާ ފޭރިގެންފައިވެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރި ކަމަށް ބެލެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވެއެވެ. އަދި 2024 ގެ އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގައިވެސް މިފަދަ ހަ ހާދިސާއެއް ހިނގާފައިވާ ކަމަށް ބެލެވޭކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މީހާއާއި އިތުރު މީހަކު ގުޅިގެން ގެސްޓްހައުސްތަކަށް މީހުން ގެންގޮސް، ވަޅިން ބިރުދައްކައި ފައިސާ ފޭރެމުންދާކަމަށް ތުހުމަތުކުރެވެއެވެ. އަދި މި ދެ މީހުންގެވެސް މިފަދަ ކުށުގެ ރެކޯޑެއް އޮތްކަމަށް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނުގައިވާ ގޮތުން، ފޭރުނު ފައިސާގެ ތެރެއިން ގިނަ ބައެއް ޖަމާކޮށްފައިވަނީ ތުހުމަތުކުރެވޭ މީހާގެ ނަމުގައިވާ އެމްއައިބީ އެކައުންޓަކަށެވެ.
މި މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކުރެވުނީ އައިޝަތު މަލްޖާ މޫސާ ދީދީ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.









