މި ސަރުކާރުގެ ފުރަތަމަ 10 މަސް ތެރޭ 4،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ 10 މަސް ތެރޭގައި މިި ސަރުކާރުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ 4،054 ބިދޭސީން ޑީޕޯޓްކޮށްލާފައެވެ.
މި ތަފާސްހިސާބުތަކުގެ ތަފްސީލަށް ބަލާއިރު، ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް 90 ބިދޭސީން ޑީޕޯޓްކޮށްލާފައިވާއިރު، ޑިސެމްބަރު މަހު 202 މީހުން، ޖަނަވަރީ މަހު 237 މީހުން، ފެބްރުވަރީ މަހު 309 މީހުން، މާރިޗް މަހު 332 މީހުން، އޭޕްރިލް މަހު 240 މީހުން، މެއި މަހު 377 މީހުން، ޖޫން މަހު 690 މީހުން، ޖުލައި މަހު 461 މީހުން، އޮގަސްޓް މަހު 453 މީހުން އަދި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 663 މީހުން ވަނީ ޑީޕޯޓްކޮށްލާފައެވެ.
އެގޮތުން،ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށާފައިވެއެވެ. މި އޮޕަރޭޝަންގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަރުކާރުން ބުނުފައިވެއެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިވެހިންނަށް ކުރެވެން ހުރި ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ސަރުކާރުންވަނީ ބުނެފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީ ގާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދެއްވާފަވެއެވެ.
މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަމަށް އެ އިމިގްރޭޝަން އިން ބުންޏެވެ









