މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބަލަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ހޯދަމުން އަންނަ ދެ މީހުންނަކީ ށ. ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު (36އ) އާއި ސ.ފޭދޫ/އެވަރެސްޓް، ޙުސައިން ޞާލިޙް (40އ) އެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ދެމީހުން ހޯދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެގެންނެވެ. ނަމަވެސް މި ދެމީހުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި މި ދެމީހުން ހޯދުމަށް ފުލުހުން މިވަނީ އިއުލާންކޮށްފައެވެ. އެގޮތުން، 30 ސެޕްޓެމްބަރު ވަނަ ދުވަހުގެ ހެނދުނު 10:00އަށް ނުވަތަ ވީ އެންމެ އަވަހަކަށް މި ދެ މީހުން ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބަޔާންކޮށްފައެވެ. އަދި މި ދެމީހުންގެ މަޢުލޫމާތު އެނގޭ ފަރާތްތަކުން ފުލުހުންނަށް އެ މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.









