ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމާއި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގުގައި، ހުޅުމާލެ ފުލުހުން ދެވަނަ ފަހަރަށް ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވއެއް ބާއްވައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރޯޑް ޝޯވ ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ހަވީރު، ހުޅުމާލޭގައި އާންމުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި މަގުތަކާއި މީހުން ގިނައިން ދިރިއުޅޭ ފުލެޓުތައް ހިމެނޭ ސަރަހައްދުތަކުގައެވެ. މި ހަރަކާތުގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން، މަގުމަތީގެ އާންމު މިންގަނޑުތަކާއި ގާނޫނާއި ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ މެސެޖުތައް އިއްވާފައިވެއެވެ.
ހަރަކާތުގެ ތެރެއިން، ފުލުހުން ވަނީ އާންމުންނާ ސީދާ ވާހަކަދައްކައި، ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށާއި ހިނގާބިނގާވެ އުޅުމުގައި ވެސް ރައްކާތެރިވެ އުޅު އުޅުމަށް ބާރުއަޅާފައެވެ. އަދި ހަމައެއާއެކު، ބައެއް ސަރަހައްދުތަކުގައި މަޑުކޮށްގެން ތިބެ ކުޑަކުދިންނަށް ހަދިޔާ ބަހައި، "ދުވެކި މަޑުކުރޭ! ފުރާނަ ސަލާމަތް ކުރޭ!" މި ފްރޭމާއެކު ފޮޓޯ ނެގުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
މި ރޯޑް ޝޯވއަކީ ހުޅުމާލެ ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި ފަދަ ހަރަކާތްތަކުން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުވެ، ހުޅުމާލޭގެެ މަގުތަކަކީ އަމާން އަދި ރައްކާތެރި މަގުތަކަކަށް ހެދުމަށް މަގުފަހިވާނެ ކަމަށް ފުލުހުން އުންމީދު ކުރައްވައެވެ.









