ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 30 އަށްވުރެ ގިނަ ބިދޭސީން މިދިޔަ ބުރާސްފަތި ދުވަހު ޑީޕޯޓްކޮށްފިއިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންވެސް ޤަވާއިދަށް ފެއްތުމަކީ އިމިގްރޭޝަންގެ ޤާނޫނުން ލާޒިމްކުރާ ކަމެކެވެ. އެހެންކަމުން، މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ސަރުކާރުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ވަށައިޖެހޭ ހައްލަކާ ދިމާލަށް މަސައްކަތްކުރަމުން ދާއިރު، ޚާއްސަ އޮޕަރޭޝަ އޮޕަރޭޝަން އަދިވެސް ދަނީ ކުރިޔަށެވެ. މިގޮތުން، މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ކުރިން ވަނީ ހާމަކޮށްފައެވެ.
ޑީޕޯޓްކުރެވުނު ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން، މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
މި އޮޕަރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.









