މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ފަސް ބިދޭސީން އަތުލައިގަތީ ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއި ގުޅިގެން ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުން ދިޔަ ތަނެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
އިމިގްރޭޝަނުން ދިން މަޢުލޫމާތުގައިވާ ގޮތުން، މި ފަސް ބިދޭސީން ހައްޔަރުކޮށްފައިވަނީ މާލޭގެ ހެންވޭރު ސަރަޙައްދުގައި ހުރި ގެއަކުންނެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރުގެ ސަރުކާރުން ފަށާފައިވާ ބޮޑު އޮޕަރޭޝަންގެ ބައެކެވެ.
އިމިގްރޭޝަނުން މި އޮޕަރޭޝަން ހިންގަނީ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެންނެވެ. މި މަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ދާކަމަށް އިމިގްރޭޝަނުން ފާހަގަ ކޮށްފައި ވެއެވެ.
އިމިގްރޭޝަނުން ކުރިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 3000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަތުލައިގަނެ، އެމީހުންގެ ޤައުމުތަކަށް ފޮނުވާފައެވެ. މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އިމިގްރޭޝަންއިން ބުންޏެވެ.









