މާލޭގައި ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ 23:43 ގައި ޗާނދަނީ މަގުގައެވެ.
ފުލުހުން ބުނި ގޮތުގައި، އެ ސަރަޙައްދުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސްފައެވެ.
އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށް، ފޭރިގަތް ފޯނު އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ، ރިހިވެލި، އަހުމަދު ނިޒާރު (31 އަހަރު) އެވެ. ނަމަވެސް، އޭނާ ބަންދުކުރި މުއްދަތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށެވެ.









