މާލޭގައި ބިދޭސީންތަކަކަށް ބިރުދައްކައި، އެމީހުންގެ އަތުން ފައިސާ ފޭރުނު ދެ ދިވެހިން ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންނަކީ ސ. ހިތަދޫ، އަތިރީއާގެ، އަހުމަދު ސިވާތް (37އ) އާއި ސ. ހިތަދޫ، ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37އ) ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި ޙާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ރަސްފަންނު ސަރަޙައްދުގައެވެ. އެ ސަރަޙައްދުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ، ދެ ބިދޭސީއެއްގެ ވޮލެޓްގައި ހުރި ފައިސާ މި ދެމީހުން ވަނީ ފޭރިގެންފައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެމީހުން ފޭރުނު ފައިސާތައް ވެސް މިހާރު ވަނީ ހޯދާފައެވެ. މި މައްސަލައިގެ ތަޙުޤީޤު މިހާރު ކުރިއަށްދާ ކަމަށް ކަމަށާއި އިތުރު ތަފްސީލު ހާމަކުރާނެކަމަށް ފުލުހުން ބުންޏެވެ.









