ހެންވޭރު ދަނޑު ކައިރިން ބާރު ސްޕީޑުގައި ސައިކަލު ދުއްވަމުން ދިޔަ މީހަކު މަޑުކުރަން އެންގުމުން، ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫއަށް ނިސްބަތްވާ އަލީ ސަމާހް މުހައްމަދެވެ.
ފުލުހުން ބުނީ ސަމާހުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ޢަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.
މާލޭ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުން ދިއުމާ ގުޅިގެން، ޓްރެފިކް ފުލުހުން އަންނަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ އިތުރުން، ބާރަށް ސައިކަލު ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އަންގަވާފައެވެ.









