މާލެ ސަރަޙައްދުގައި ހުރި ސެލޫންތަކާއި ސްޕާތައް އިންސްޕެކްޓްކުރުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 7 ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދިން ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެއެވެ. މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ޓީމެއްވެސް ބައިވެރިވެފައިވެއެވެ.
އޮޕަރޭޝަންގެ ތެރެއިން މާލޭގައި ހުރި 22 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 7 ބިދޭސީ އަންހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި ފަރާތްތަކަށް ވަޒީފާ ދިން 7 ފަރާތަކަށް ނޯޓިސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންދާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދިނެވެ. މި މަސައްކަތުގައި އިމިގްރޭޝަނާއެކު ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުންވެސް ބައިވެރިވަމުންދާކަމަށް ބުނެފައިވެއެވެ.
ފާއިތުވި މުއްދަތުގައިވެސް މާލެއާއި މާލެ ސަރަޙައްދުގައި ބިދޭސީން ހަރަކާތްތެރިވާ އެކި ތަންތަނަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ވަނީ ތަފާތު އޮޕަރޭޝަންތައް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.









