ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މިދިޔަ ޖުލައި މަހު ހައްޔަރުކުރި މެލޭޝިއާ މީހާ އުޅުނީ އިތުރު ބަޔަކާ ގުޅިގެން އިނގިރޭސިވިލާތަށް މަސްތުވާތަކެތި އެތެރެކުރަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޑެންޓެޑް އޮފް ޕޮލިސް ނިހާދު ހުސެއިން ވިދާޅުވީ، މި މައްސަލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މެލޭޝިއާގެ ދެ މީހުން ކަމަށްވާ އެން ޖީ ތަމް ލިޕާއި ކޯ ހުއާން ބޫން އެވެ.
ނިހާދު ވިދާޅުވި ގޮތުގައި އެން ޖީ ތަމް ލިޕަކީ އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާގެ މީހެއް ކަމަށާއި އޭނާގެ ލަގެޖް ކަސްޓަމްސުން ފާސް ކުރިއިރު 13.5 ކިލޯގެ ކެނަބިސް ފެނުނެވެ. އަދި ކޯ ހުއާން ބޫން އަކީ އެ ތަކެއްޗާ ރާއްޖެއިން ހަވާލުވެ، ރީޕެކްކުރުމަށް ފަހު، އެ ތަކެތި ރާއްޖެއިން ބޭރުކުރަން ހަމަޖައްސާފައި ހުރި މީހާ އެވެ.
ނިހާދު އިތުރަށް ވިދާޅުވީ، އެ ދެ މީހުންނާއި އެހެން ބަޔަކު މުއާމަލާތް ކުރުމަށް ވީޗެޓް ގްރޫޕެއް ވެސް ހަދާފައިވާ ކަމަށާއި، އެ ގްރޫޕްގައި ހަތް މީހަކު ތިބި ކަމަށެވެ. އަދި މި މަސްތުވާ ތަކެއްޗަކީ އިނގިރޭސިވިލާތަށް ގެންދަން ރޭވި ތަކެތި ކަމަށް ފާހަގަ ކުރެވުނު ކަމަށް އޭނާ ބުނެފައި ވެއެވެ.
ފުލުހުން މިހާރު މި މައްސަލާގައި ހިމެނޭ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާއި އިންޓަޕޯލްއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ނިހާދު ވިދާޅުވިއެވެ.









