ނ. ހޮޅުދޫގައި ޒަޚަމްތަކަކާ އެކީގައި ނިޔާވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ އޮޓޮޕްސީ ނުހެދީ އިތުރަށް ބަލަން ޖެހޭ ބެލުންތަކެއް ނެތުމުން ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑުން ނަގަންޖެހޭ ސާމްޕަލްތަކާއި ތަހުލީލުތައް ކޮށް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރާތުން ހޯދަން ބޭނުންވި ރައުޔުތައް ހޯދުމަށްފަހު، އޮޓޮޕްސީ ހަދަން ޖެހޭ ސަބަބެއް އޮތްކަމަށް ތަހުގީގަށް ނުފެންނާތީ ޒަކިއްޔާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން އޮޓޮޕްސީ ނުހެދީ ކަމަށެވެ.
މި މަހުގެ 10 ވަނަ ދުވަހު އުމުރުން 50 އަހަރުގެ ޒަކިއްޔާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. ނިޔާވެފައި އޮތް ތަނުގައި ވަޅިއެއް އޮތް އިރު، އޭނާގެ ކަރުގައި ޒަޚަމްތަކެއް ވެސް ހުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ވަނީ ކިޔައިދީފައެވެ.
ޝިފާއު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިޔަށް ދެއެވެ. އެގޮތުން ތަހުގީގު ޓީމެއް މިހާރުވެސް ތިބީ ހޮޅުދޫގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަކިއްޔާއްޔާ ނިޔާވެފައި އޮއްވާ ފެނުނު ގުދަނަކީ އެ ގޭގެ މީހުން ވިޔަފާރިއަށް ބޭނުންކުރާ ސާމާނު ރައްކާކޮށް، ކުނި ކޮއްޓަށް ގެންދަން ގޭގެ ކުނި ބަހައްޓާ ތަނެވެ. ޒަކިއްޔާގެ ހަށިގަނޑު ފެނުނީ ވޭސްޓް މެނޭޖްމަންޓް ޕްލާންޓުގެ ބިދޭސީ މުވައްޒަފަކަށެވެ. މިކަމާ ގުޅޭ ތަހުގީގު ކުރުމަށްފަހު އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ޝިފާއު ވިދާޅުވެފައިވެއެވެ.









