މާލޭގައި މީހަކު ރަހީނުކޮށް، އެމީހާއަށް ޖިސްމާނީ ގޮތުން އެކި އަނިޔާތައްދީ، އިނގިލި ބުރިކޮށްލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްއެންޑީއެފްގެ ދެ އޮފިސަރުން ހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، ހަސަން ޝިފާއު ވިދާޅުވީ، މިއީ މިއަހަރުގެ މެއި 25 އިން ޖޫން 25 އަށް ހުއްދަ ނޫން ގޮތުގައި މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި، ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައްދީ، އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ޝިފާއު ވިދާޅުވީ، މިހާދިސާގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާގެ ހަށިގަނޑު ބެލި ބެލުމުން، ޖިސްމާނީ ގޮތުން އެކިވަރުގެ އަނިޔާ ދީފައިވާކަން އެނގުނު ކަމަށެވެ. އޭނާގެ ވައަތު ލޯމަތީގައި ޖަހައި މާރާމާރީ ހިންގުމުގެ ސަބަބުން ވައަތު ލޮލަށް ލޭއަރައި، ލޯކައިރި ވަރަށް ބޮޑަށް ދުޅަވެ، ނޫފައި ގަނެފައި ހުރިކަމަށާއި، ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ބެލެވޭ ޒަޚަމްތަކާއި، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވާ އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފައިވާކަން ފާހަގަކުރެވުނު ކަމަށް ޝިފާއު ވިދާޅުވިއެވެ.
މިމައްސަލައިގެ ތުހުމަތުގައި ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އަލީ ސާމީ (24އ)، އަހުމަދު ސާއިފް ވަހީދު (18އ)، މުހައްމަދު ނައުޝަން ހުސެއިން (21އ)، މުހައްމަދު ނަފާހު (23އ) އަދި އަހުމަދު ޒަޔާން (24އ) އެވެ. މީގެ ތެރެއިން މުހައްމަދު ނަފާހު އާއި އަހުމަދު ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ ދެ މީހުން ކަމަށާއި މިކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއާ ހިއްސާކޮށް، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެމްއެންޑީއެފުން ވެސް އަޅަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލައިގައި 18 އަހަރުން ދަށުގެ 3 ކުދިން ވެސް ހިމެނޭތީ އެކަން ވެސް ބަލަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވިއެވެ.









