ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މި މުއައްސަސާގެ 20 އިންސައްތައަަކީ އަންހެން މުވައްޒަފުންކަން އެނގިއްޖެއެވެ. މިގޮތުން އަންހެން ފުލުހުންނާއި މުވައްޒަފުން ތަފާތު ދާއިރާތަކުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
2020 ވަނަ އަހަރު އުފައްދާފައިވާ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ އަންހެނުން ބާރުވެރިކުރުވުމާއި، ފުރުޞަތުތައް އިތުރުކުރުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއެވެ. މި ކޮމިޓީން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެނޭޖީރިއަލް ފެންވަރުގައި 10 އިންސައްތަ އަންހެނުން މަސައްކަތްކުރާއިރު، ފްރޮންޓްލައިންގައި 19 އިންސައްތަ އަންހެނުން ޚިދުމަތްކުރެއެވެ. މީގެ އިތުރުން، ޓެކްނިކަލް އަދި ފޮރެންސިކް ދާއިރާގައި 16 އިންސައްތަ އަދި އިންވެސްޓިގޭޝަން ދާއިރާގައި 10 އިންސައްތަ އަންހެނުން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކައިދެނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާވަމުންދާކަމާއި، ތަފާތު ދާއިރާތަކުގައި އަންހެނުން މުހިންމު ޒިންމާތައް އަދާކުރަމުންދާކަމެވެ. އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މި އަދަދުތައް އިތުރުވާނެކަމަށް އުންމީދުކުރެވޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ.









