ސައުދީ ކްލަބް އަލް ނަސްރުގެ ހެޑް ކޯޗުކަމުން ލުއިސް ކާސްޓްރޯ އިސްތިއުފާ ދީފިއެވެ. އޭނާ އިސްތިއުފާދިންއިރު ފުރަތަމަ ތިން މެޗުން ލިބުނު އެންމެ ފަސް ޕޮއިންޓާއެކު ސައުދީ ޕްރޯ ލީގުގެ އެ ޓީމު އޮތީ ހަތް ވަނައިގައި އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިގެންދިޔަ ނަމަވެސް މި ސީޒަނުގައި އަލް ނަސްރަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެ، މޮޅުވެފައިވަނީ އެންމެ ފަހަރަކު އެވެ.
ސައުދީ ސުޕަ ކަޕް ފައިނަލުގައި ވާދަވެރި އަލް ހިލާލް އަތުން 4-1 އިން ބަލިވެ ކާސްޓްރޯގެ ޓީމު އޭއެފްސީ ޗެމްޕިއަންސް ލީގުގައި އިރާގުގެ އަލް ޝޯޓާއާ 1-1 އިން އެއްވަރުވިއިރު، ރޮނާލްޑޯ ޓީމުގައި ނެތެވެ. ޕޯޗުގަލްގެ ތަރި މީގެ ކުރިން މިދިޔަ އަހަރު ކާސްޓްރޯގެ ލީޑަޝިޕްގައި އަލް ނަސްރުއަށް އަރަބި ކްލަބް ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްދިން ނަމަވެސް އެންމެ ފަހުން އެ ޓީމަށް ލިބުނީ ލީގުގެ ދެވަނައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކާސްޓްރޯއަށްފަހު ދެން އެ ޓީމަށް އަންނާނީ އޭސީ މިލާނަށް ކުރިން އިރުޝާދު ދިން ކޯޗު ސްޓެފަނޯ ޕިއޯލީ އެވެ.
އުމުރުން 63 އަހަރުގެ ލުއިސް ކާސްޓްރޯ ވަނީ ޖުލައި މަހު އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ބްރެޒިލްގެ ކްލަބް ބޮޓާފޯގޯ އަށް ކޯޗުކަން ކޮށްދީފަ އެވެ. ޓެކްޓިކަލް ކުޅަދާނަކަމުގެ ގޮތުން މަޝްހޫރުވެފައިވާ އޭނާ ވަނީ ޔޫރަޕްގެ ބައެއް ޓީމުތަކަށް ވެސް އިރުޝާދު ދީފައެވެ.









