އަފްޣާނިސްތާނުގައި ހިންގަމުންދިޔަ ޕޯލިއޯ ވެކްސިން ކޭމްޕްތަކުގެ މަސައްކަތް ތާލިބާނުން ހުއްޓުވާލައިފިކަމަށް އދ. އިން ބުނެފިއެވެ. މި ހަރަކާތްތައް ހުއްޓުވާލި ސަބަބު ތާލިބާނުން ހާމަކޮށްފައި ނުވާއިރު، ސަރުކާރުގެ ފަރާތުންވެސް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ދީފައެއް ނުވެއެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނަކީ ދުނިޔޭގައި ޕޯލިއޯ ނައްތާނުލެވި އޮތް ހަމައެކަނި ދެ ގައުމެވެ. އަފްޣާނިސްތާނުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޕޯލިއޯ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިހާތަނަށް 16 ސަރަހައްދެއްގައި މި ބަލި ފެތުރި، ޖުމްލަ 56 ކޭސް ރިޕޯޓްކުރެވިފައިވެއެވެ.
މިނިސްޓްރީ އޮފް ޕަބްލިކް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އަދި އެހެނިހެން ޖަމާޢަތްތަކާ ގުޅިގެން، ކޮންމެ ކުއްޖަކާ ހަމައަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ޔުނިސެފުން ބުނެފައިވެއެވެ. ނަމަވެސް، ތާލިބާނުން މިހާރު ވެކްސިން ދިނުމުގެ މަސައްކަތް ހުއްޓުވާލުމާ ގުޅިގެން، ކުރިއަށް އޮތްތަނުގައި މި މަސައްކަތް ކުރިއަށްދާނެ ގޮތާމެދު ޔަޤީންކަމެއް ނެތްކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
މި ހުއުއްޓުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި ޕޯލިއޯ ނައްތާލުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ބޮޑު ހުރަހެއް އެޅި، ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ އޮތްކަމަށް ސިއްޙީ ދާއިރާގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.









