ފަހުގެ ތާރީހުގައި އިނގިރޭސީގެ އެންމެ ކާމިޔާބު ކުލަބު، މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޝަރީޢަތުގެ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ފަށައިފިއެވެ.
ޕްރިމިއާ ލީގުގެ މާލީ ގަވާއިދާ ހިލާފުވި ކަމުގެ ތުހުމަތުގައި ސިޓީގެ މައްޗަށް 115 ދައުވާއެއް އުފުލާފައިވެއެވެ. މި މިނިވަން އަޑުއެހުން ގާތްގަނޑަކަށް 10 ހަފުތާއަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ އިރު އަންނަ އަހަރުގެ ކުރީކޮޅު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.
2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އުފުލި މި ދައުވާތަކުގެ ސަބަބުން ސިޓީއިން ހޯދާފައިވާ ކާމިޔާބުތަކަށް ބޮޑު އަސަރެއް ކުރާނެ ކަމުގެ ބިރު އެ ކުލަބަށް އެބައޮތެވެ. މިދިޔަ އަހަރު ސިޓީއިން ވަނީ ޕްރިމިއަރ ލީގު ހޯދައި، އެފް.އޭ.ކަޕް ޖެހިޖެހިގެން 3 ފަހަރު ހޯދައި އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.
ނަމަވެސް މިއިން ކޮންމެ ކާމިޔާބަކާއެކު ވާދަވެރިން ދަނީ ސިޓީއަށް ތުހުމަތު ކުރެވިފައިވާ ދައުވާތަކުގެ މައްސަލަ ފަށާނެ ދުވަހަކާއިމެދު ސުވާލު އުފައްދަމުންނެވެ. މިދިޔަ ހޯމަ ދުވަހު އިނގިރޭސީވިލާތުގެ މިނިވަން މުއައްސަސާއަކުން ފަށާފައިވާ މި ތަހުޤީގަށް ނަންދެވިފައިވަނީ "ޓްރައަލް އޮފް ދަ ސެންޗުރީ" ގެ ނަމުންނެވެ.

ސިޓީއަށް ތުހުމަތު ކުރެވޭ 115 ދައުވާތަކަކީ ކޮބާ؟
ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން 2009/10 އިން ފެށިގެން 2017/18 ގެ ސީޒަނާއި ހަމަޔަށް އެ ކުލަބުން ހުށަހަޅާފައިވަނީ ސައްޙަ ނޫން މާލީ ބަޔާންތަކެކެވެ. އަދި ހަމަ އެ މުއްދަތުގައި 14 ފަހަރެއްގެ މަތިން އެ ކުލަބުގެ ކުޅުންތެރިންނާއި މެނޭޖަރުންނަށް ފައިސާ ދެއްކުމުގެ ނަމުގައި ހަދާފައިވާ މުއާމަލާތްތަކަކީ ސައްހަ ނޫން މުއާމަލާތްތަކެއް ކަމުގައި ވެސް ތުހުމަތު ކޮށްފައި ވެއެވެ.
ޔޫއެފާގެ ޤާނޫނާ ޤަވާއިދުތަކަށް ހުރަސް އެޅޭ ފަސް މައްސަލައެއް ޕްރިމިއަރ ލީގަށް ފާހަގަވެފައިވާއިރު، އޭގެ ތެރޭގައި 2013/14 އިން 2017/18 ގެ ސީޒަނާ ހަމަޔަށް ފައިނޭންޝަން ފެއާ ޕްލޭ (އެއްއެފްޕީ) ހިމެނެއެވެ. މީގެ އިތުރުން 2015-16 އިން ފެށިގެން 2017-18 ގެ ސީޒަނާއި ހަމަޔަށް ޕްރިމިއާ ލީގުގެ ޕްރޮފިޓެބިލިޓީ އެންޑް ސަސްޓެއިނަބިލިޓީ (ޕީއެސްއާރު) ގެ އުސޫލާ ހިލާފުވުމުގެ ހަތް ދައުވާއެއް ހިމެނެއެވެ.
މެންޗެސްޓަރ ސިޓީއަށް ކުރެވޭ ބާކީ 35 ދައުވާއަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ޕްރިމިއާ ލީގުގެ ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ދައުވާ އެވެ.
ޚަބަރުތައް ބުނާ ގޮތުގައި ސިޓީއަށް ކުރާ މި ތުހުމަތުތައް ސާބިތުވެއްޖެނަމަ އެ ކުލަބު ޕްރިމިއާ ލީގުން ރެލިގޭޓް ވުމުގެ ބިރު އެބައޮތެވެ.

މީގެ ހަ އަހަރު ކުރިން މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވިއިރު، ސިޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިފަދަ ދައުވާތަކެއް ކުރުމުން ކުލަބު ހައިރާންވާ ކަމަށެވެ. ކުލަބުގެ ކޯޗު ގާޑިއޯލާ ބުނެފައިވަނީ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށާއި މިނިވަން މުވައްސަސާއަކުން ހުކުމް ކުރުމުގެ ކުރިން އެކި ފަރާތްތަކުން ކުރާ ނޭދެވޭ ތުހުމަތުތަކެއްގެ ސަބަބުން ހިތާމަކުރާ ކަމަށެވެ. ހޯމަ ދުވަހު ޝަރީއަތް ފެށުމުގެ ކުރިން ގާޑިއޯލާ ބުނެފައިވަނީ މައްސަލަ އަވަހަށް ނިމޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި މި މައްސަލައާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ފަތުރާނެ ކަމަށެވެ. އެހެން ނަމަވެސް ކުށް ސާބިތު ވަންދެން ކޮންމެ ފަރާތަކީވެސް ކުށެއް ނެތް ފަރާތެކެވެ. އޭނާ އިތުރަށް ބުނެފައިވަނީ ކޮންމެ ގޮތަކަށް ހުކުމް އައި ނަމަވެސް ޤަބޫލުކުރާނެ ކަމަށާއި ޝަރީއަތާމެދު އޭނާ އަދި ކުޅުންތެރިން ވެސް ނުވިސްނާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ބާއްވާ ސިއްރު އަޑުއެހުންތަކާއި ގުޅިގެން ޕްރިމިއާ ލީގުގެ ޗީފް ރިޗަޑް މާސްޓާސް ބުނާ ގޮތުގައި އެކަން ކުރެވެން އޮތީ ޕްރިމިއާ ލީގުގެ އުސޫލެއްގެ ތެރޭގައި ނޫން ކަމަށެވެ.
"އަޅުގަނޑުމެން ކުރާ ކަމަކީ، އަޅުގަނޑުމެން ދަޢުވާތައް ކުރާއިރު ޝާއިޢުކުރަނީ، އަދި ޝަރީއަތް ނިމުމުން ހުކުމް ޝާއިއުކުރަނީ. އެދެމެދުގައި އަޑުއެހުން މެނޭޖްކުރަނީ މިނިވަން ޕެނަލަކުން. އެހެންކަމުން އެ ޕްރޮސެސް ސިއްރު ކުރަނީ އެ ފަރާތް ބޭނުންވެގެން" – ރިޗަޑް ބުނެފައިވެއެވެ.

މެންޗެސްޓަރ ސިޓީއަށް ކުރާ މި ދައުވާތަކަށް ގިނަ ބަޔަކު ތައުރީފު ކުރަމުންދާއިރު ސްޕެނިޝް ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވަނީ "ގަރުނުގެ ޝަރީއަތް" ގައި އެ ކުލަބަށް އަދަބު ދިނުމަށް ގޮވާލާފަ އެވެ. އެ އަޑުއެހުން ކުރިއަށް ގެންދާތަން ސިއްރު ކޮށްފައިވީ ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ތަނަކީ ލަންޑަނުގައި ހުންނަ "އިންޓަރނޭޝަނަލް ޑިސްޕިއުޓް ރިސޮލުޝަން ސެންޓަރ" އެވެ.









