ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކޮށްފިއެވެ.
މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދާއޫދަށް މި ޕްރޮމޯޝަން ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
މި ޕްރޮމޯޝަނާއެކު ދާއޫދު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިދާރީގޮތުން ދެވޭ އެންމެ މަތީ ރޭންކަށް ކުރިއަރާފައެވެ. ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާ ކަމުގައި ވީނަމަވެސް، އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަކީ އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ.
ދާއޫދަކީ މިހާރު ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ހެޑެވެ. އޭނާ ވަނީ ކުރިން ފުލުހުންގެ ޚިދުމަތުގައި ގިނަ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ހެޑް އޮފް ރޯޑް ޕޮލިސްގލިސްގެ މަގާމާއި، ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމު އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ޑެޕިއުޓީ ހެޑުގެ މަޤާމު ހިމެނެއެވެ.









