ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި އުޅޭ އެ އިދާރާގެ މުވައްޒަފުން ތިބޭނީ ޔުނީފޯމްގައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްޜޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރެއިޑްތަކުގައި އުޅޭ އޮފިސަރުންގެ އަތުގައި އިމިގްރޭޝަންގެ ރަސްމީ ފާސް ވެސް އޮންނާނެ ކަމަށެވެ.
އިމިގްރޭޝަނުން މިފަދައިން ބުނެފައިވަނީ އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ބިދޭސީންގެ ތަންތަން ބަލާ ފާސްކުރަމުންދާ ކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. މި ބަޔާނުގައި އިމިގްރޭޝަނުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ، މިފަދަ ކަންކަމަށް ސަމާލުވެ، ޝައްކު އުފެދޭނަމަ އެފަދަ މީހުންގެ ފާހާއި ފުރިހަމަ މަޢުލޫމާތު ބެލުމަށެވެ.
އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ތަނަކަށް 3 މީހަކު ވަދެ 9000 ރުފިޔާ ފޭރިގަތް މައްސަލައިގައި ފުލުހުން މިހާރު ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މިދިޔަ ހޯމަދުވަހު ހިނގި މި ހާދިސާއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން، ހައްޔަރުކޮށްފައިވަނީ ގ.ބޭރުގެ، ޢުމުރުން 44 އަހަރުގެ، މުޙައްމަދު ނަވީން އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









