މާލޭގެ ސްކޫލަކަށް ވަދެ ދަރިވަރުންގެ ކުރިމަތީގައި ޓީޗަރުންތަކަކަށް ބިރުދެއްކި މީހެއްގެ މައްސަލައިގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގައި ބަންދުކޮށްފައިވަނީ މއ. ކަނޑޫގެ، އަލީ އަހުމަދު (27 އަހަރު) އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ ބަންދުގެ މުއްދަތު މިހާތަނަށް ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު 15 ދުވަހުގެ މުއްދަތަށް އިއްޔެ ބަންދު އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަލީ އަހްމަދުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ސްކޫލަކަށް ވަދެ، އަޑު ގަދަކޮށް ޓީޗަރުންނަށް ބިރު ދެއްކި ކަމަށް އެ ސްކޫލުގެ މުވައްޒަފުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ ކޮން ސްކޫލެއް ކަމެއް އެނގިފައެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން މިހާތަނަށް އެޑިޔުކޭޝަން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފުލުހުން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ތުހުމަތުކުރެވޭ ފަރާތަކީ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެކެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައިވެސް އޭނާ ހިމެނެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.









