މާލެ ސަރަޙައްދުގައި ބޭނުންކުރާ އުޅަނދުތައް ޤަވާއިދުތަކަށް ފެއްތުމުގެ ފުރުޞަތު ފުލުހުން ދީފިއެވެ.
ފުލުހުން ބުނީ މި ފުރުޞަތުގެ ދަށުން، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި ރަޖިސްޓަރީކޮށްގެން މާލެ ސަރަޙައްދުގައި ދުއްވަމުންގެންދާ އުޅަނދުތައް ޤާނޫނާއި ގަވާއިދަށް ފެއްތުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
މި މަސައްކަތުގެ ދަށުން، ހުޅުމާލެ ފޭސް 2 ގައި ވަގުތީގޮތުން ކަނޑައަޅާފައިވާ ސަރަޙައްދަށް (ލޮޓް ނަންބަރު 452 އަށް) އެ އުޅަނދުތައް ގެންދިއުމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި އުޅަނދުތަކުގައި ސްޓިކާ ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ ސްޓިކާ ހަރުކުރެވޭ އުޅަނދުގެ ވެރި ފަރާތުން، ސްޓިކާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން އުޅަނދު ނަގަންވާނެކަމަށާއި މި ފިޔަވަޅުތަކުގެ މަޤްޞަދަކީ މާލެ ސަރަޙައްދުގައި ދުއްވާ އުޅަނދުތައް ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ހިންގުމާއި، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން ކަމަށެވެ.
މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އުޅަނދުފަހަރުގެ ވެރިފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މި ފުރުޞަތުގެ ބޭނުން ހިފައި، އުޅަނދުތައް ޤަވާޢިދާ އެއްގޮތަށް ރަޖިސްޓްރީކޮށް، ޤާނޫނީ ހަމަތަކުގެ މަތިން ދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.









