މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި މަކަރާއި ހީލަތުން އަތުލި ފައިސާތަކެއް ފުލުހުން ހޯދައިފިއެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަނާއި ސައިބަރ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ވަނީ އެ ފައިސާތައް ހޯދައި، ވެރިފަރާތްތަކާ ޙަވާލުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ ވަގުތުން ތަހުޤީޤު ފަށައި، އަތުލާފައިވާ ފައިސާ އެންމެ ހަ ގަޑިއިރުގެ ތެރޭގައި ހޯދާފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ކުށްވެރިން ވަނީ އެހެން މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ އަތުލާފައެވެ. މިގޮތުން އަތުލާފައިވާ ފައިސާ ޖަމާކޮށްފައިވަނީ ތިން އެކައުންޓަކަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ މަސައްކަތުން މި ތިން އެކައުންޓުގެ ވެރިފަރާތްތައް ދެނެގަނެ، ޖުމްލަ 10,700 ރުފިޔާ ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން، އޭ.ޓީ.އެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑުތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









