އަމިއްލަ ދެ ދަރިންނަށް ޖިންސީ ގޯނާ ކުރި މީހާ 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 42 އަހަރުގެ ފިރިހެނާ އިތުރު ކުއްޖަކަށް ވެސް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށެވެ.
މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނީ އިއްޔެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އެ ފިރިހެން މީހާ ވަޒީފާ އަދާކުރަމުން އައި ސަރުކާރުގެ ކުންފުނިންވެސް މި މައްސަލައާ ގުޅިގެން މިއަދު ވަނީ އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.
ކުޑަކުދިންގެ މަސްލަޙަތު ހިމެނޭ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ. އެއީ ޤާނޫނީ ގޮތުންވެސް މަނާކަމެކެވެ.









