ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް ހުޅުވާލި "އިމިގްރޭޝަން ވޮޗް" އަށް ހުށަހަޅާފައިވާ 490 އަށްވުރެ ގިނަ މައްސަލަ މިވަގުތުވެސް ބަލަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު ތަޢާރަފުކުރި މި އޮންލައިން ޕްލެޓްފޯމަކީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ބިދޭސީންނާ ގުޅޭ އެހެނިހެން މައްސަލަތައް ރިޕޯޓްކުރުމަށް ޤާއިމްކުރެވުނު އެންމެ ހަރުދަނާ އެއް ނިޒާމެވެ. އިމިގްރޭޝަނުން ދިން މަޢުލޫމާތުގައިވާ ގޮތުން، "އިމިގްރޭޝަން ވޮޗް" ޤާއިމުކޮށް ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ބިދޭސީންނާ ގުޅޭ ޖުމްލަ 626 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން މިވަގުތު 496 މައްސަލަ ބަލަމުން އަންނައިރު، 105 މައްސަލަ ވެރިފައިކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި ނިޒާމުގެ ދަށުން ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އިމިގްރޭޝަނުގެ އޮފިސަރުން ވަނީ 266 ތަނެއް ރެއިޑްކޮށްފައެވެ. މި ރެއިޑްތަކުގައި ޤަވާޢިދާ ޚިލާފަށް ބިދޭސީން އުޅެމުންދިޔަ އަދި ވިޔަފާރިކުރަމުންދިޔަ ތަންތަން ހިމެނެއެވެ. އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މިހާތަނަށް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ 3,542 ބިދޭސީއަކު ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. މީގެތެރޭގައި ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ މީހުންނާއި، އަމިއްލަ މަންފާއަށް ތަފާތު ވިޔަފާރިތައް ހިންގަމުންދިޔަ ބިދޭސީން ހިމެނެއެވެ.
"އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކުގެ އިތުރުން، ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތުވެސް ހިއްސާކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް 24 ގަޑިއިރު މައްސަލަ އަދި މަޢުލޫމާތާއި ފޮޓޯވެސް ހުށަހެޅޭނެއެވެ. އަދި މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހާމަނުކޮށް "އެނޮނިމަސް" ކޮށްވެސް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އިމިގްރޭޝަނުން ވަނީ ފަހިކޮށްފައެވެ.









