މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހު، ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 719 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 686 މިލިޔަން ރުފިޔާއެވެ. އަދި މިއަހަރު ލިބުނު 719 މިލިޔަން ރުފިޔާގެ ތެރެއިން 46 މިލިޔަން ޑޮލަރު ވަނީ ބަލައިގަނެފައެވެ.
ގްރީން ޓެކުހަކީ ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށްޓަކައި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކްސް ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގެއެވެ.
Advertisement

މީރާއިން ބުނާގޮތުގައި، މިއަހަރުގެ އޮގަސްޓް މަހު އެކަނި ގްރީން ޓެކުހުގެ ގޮތުގައި 87 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 18 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް 1.4 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ މިނިސްޓްރީން ހާމަކޮށްފައިވާއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ.
ގްރީން ޓެކްސް ނެގުމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު ނެގެއެވެ. އަދި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު ނެގެއެވެ. މި ޓެކުހުގެ ސަބަބުން ލިބޭ އާމްދަނީ ބޭނުންކުރެވެނީ ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.







