މާލޭގެ ގެސްޓްހައުސްއަކުން ބިދޭސީއެއްގެ ފޯނު ވަގަށްނަގައި ވިއްކާލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ ކ. ގުރައިދޫއަށް ނިސްބަތްވާ މުހައްމަދު ވިޝާމް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ވިދާޅުވީ، ރޭ 6:30 ހާއިރު ރަށްފުށި ގޯޅި ފިއުޝަން މާޓް ކައިރީ ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން ދަނިކޮށް ބިދޭސީ ފިރިހެނަކު އޭނާ ދިރިއުޅޭ ގެސްޓްހައުސްގައި ނިދާފައި އޮއްވާ ފޯނެއް ގެއްލިގެން އުޅޭކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތް ދެނެގަނެވުނީ ގެސްޓްހައުސްގެ ސީސީޓީވީ ފޫޓޭޖު ބެލުމަށްފަހުގައެވެ. އަދި ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން، ވަގަށްނެގި ފޯނު ނޯތު ހާބަރުގައި އޮތް ސްޕީޑްބޯޓެއްގައި އިން ބިދޭސީއަކަށް ވިއްކާލާފައިވާކަން ހާމަވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.









