ރޭ ދަންވަރު ހުޅުމާލޭ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި ހުރި އަންހެނަކު އެހީއަށް އެދި ރޮމުން ދިޔަ ކަމުގެ ރިޕޯޓެއް ލިބުމުން ފުލުހުން އޭނާ ސަލާމަތްކޮށްފި އެވެ.
ސަލާމަތަށް އެދި އަންހެންމީހާ ހަޅޭއްލަވަމުން ދިޔަކަން ފުލުހަށް ރިޕޯޓްކުރީ އެ ޢިމާރާތުގެ ެރެއިން އަންހެނާގެ ހަޅޭކުގެ އަޑު އިވިގެން ޢާންމުންގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އޮފިސަރުން ވަނީ އަވަސް އަވަހަށް އެޓެންޑުވެފައި ކަމަށާއި އަދި އެ އެޕާޓްމަންޓަށް ދިޔުމުން ދޮރު ހުޅުވީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ފިރިހެން މީހާ ބުނި ކަމަށާ ނަމަވެސް، އޭގެފަހުން އަނެއްކާވެސް އެހީއަށް އެދި އާދޭސްކޮށް ހަމަ އެތަނުގެ ތެރެއިން އަންހެންމީހާ ގޮވާއަޑު ފުލުހުންނަށް އިވިގެން، ބާރުގެ ބޭނުންކޮށް ދޮރު ހުޅުވައި ފުލުހުން ވަނީ އެ އަންހެންމީހާ ސަލާމަތްކޮށް އެތަނުގައި ތިބި ދެ ފިރިހެނުން ހައއްޔަރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ހ. ލާމިޔާގެ އަޙްމަދު އުނައިސް (20 އަހަރު) އާއި މއ. ތްރީމަންސޫމްގެ މުޙައްމަދު މަމޫތު (39 އަހަރު) އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.









