ހުޅުމާލޭގައި ބާރަށް ކާރު ދުއްވަމުންދިޔަ މީހަކު ފިލަން އުޅުމުން ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފުލުހުން ހުޅުމާލޭގައި ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ހައްޔަރުކުރެވުނު ފަރާތަކީ ރ. އަލިފުށީ 38 އަހަރުގެ ހަސަން ސަޢީދު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުންވަނީ އޭނާ ދުއްވަމުންދިޔަ ކާރު ހުއްޓުވި އިރު، އޭނާ ވަނީ ފުލުހުންނަށް އިޙްތިރާމް ނުކޮށް ފިލަން މަސައްކަތްކޮށްފައި ކަމަށް ބުނެފައެވެ. އަދި ކާރުގައި ޞައްޙަނޫން ނަންބަރު ޕްލޭޓެއް ހަރުކޮށްފައިވާކަން ފުލުހުންގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބުނީ މި އޮޕަރޭޝަނަކީ ފަހަކަށް އައިސް ހުޅުމާލޭގައި ހިނގަމުން އަންނަ ނުރައްކާތެރި އެކްސިޑެންޓްތަކާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގެ މަޤްޞަދަކީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޤާނޫނާ ޚިލާފަށް އުޅޭ ފަރާތްތައް ހޯދައި، އެފަދަ ޢަމަލުތައް ހުއްޓުވުމެވެ.
ފުލުހުން އިތުރަށް ބުނީ މިފަދަ ޤަވާޢިދާ ޚިލާފު ޢަމަލުތަކަށް ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށާއި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ޤާނޫނާ ޚިލާފު ޢަމަލެއް ހިންގާނަމަ، އެކަމެއް ވަގުތުން ފުލުހުންނަށް އަންގައިދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.









