މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ. މިކަން މީރާއިން ހާމަކޮށްފައިވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ އިއުލާނެއްގައެެވެ. މި އިސްލާހުތަކުގެ މައިގަނޑު މަޤްޞަދަކީ ޑޮލަރުގެ އާމްދަނީ އިތުރުކުރުމެވެ.
މި އިސްލާހުތަކުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޓެކްސް ބަޔާންތައް އެމެރިކާ ޑޮލަރުން ތައްޔާރުކުރަންޖެހޭނެއެވެ. އަދި މިފަދަ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީވެސް އެމެރިކާ ޑޮލަރުންނެވެ. މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސްތަކާ ގުޅޭ ބަޔާންތައްވެސް އެމެރިކާ ޑޮލަރުން ތައްޔާރުކޮށް ދައްކަންޖެހޭނެކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުތަކުގެ ތެރެއިން، އިން، ވިތުހޯލްޑިންގ ޓެކްސްތަކާ ގުޅޭ ބަދަލުތައް 31 އޮކްޓޫބަރު 2024 އިން ފެށިގެން ތަންފީޒުކުރެވޭނެކަމަށް މީރާއިން ބުނެފައިވެއެވެ.
Advertisement

މި އިސްލާހުތަކަކީ ރާއްޖޭގެ އިޤްތިޞާދަށް އަންނަ މުހިންމު ބަދަލުތަކެއްކަމަށް އިޤްތިޞާދީ މާހިރުން ދެކެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވެ، ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދޭނެކަމަށް ވެސް އެފަރާތްތަކުން ދެކެއެވެ.
މީރާއިން މި އިސްލާހުތައް ގެނައުމުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް، ބޭރު ފައިސާގެ ރިޒާވް އިތުރުކުރުންކަމަށާއި އަދި މި ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ބުރައެއް ނުޖެހޭނެކަމަށްވެސް މީރާއިން ބުންޏެވެ.







