ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ 4 ވަނަ ފޮތް މައުރަޒު މިއަދު ހުޅުވައިލައިފިއެވެ. މި މައުރަޒު ހުޅުވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ނަޒީރެވެ.
މި މައުރަޒުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ފޮތްތަކަށް މާކެޓު ހޯދައިދިނުމެވެ. މި މައުރަޒުގައި 28 ސްޓޯލް ހިމެނެއެވެ. މި ސްޓޯލްތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އަމާޒުކޮށްފައިވާ އެކި ބާވަތުގެ ފޮތްތައް ވިއްކުމަށް ހުންނާނެ ކަމަށް ޔުނިވާސިޓީން ބުނެފައިވެއެެވެ.
ޤައުމީ ޔުނިވަރސިޓީގެ މައި ކެމްޕަހުގައި ބޭއްވޭ މި މައުރަޒު ކުރިއަށްދާނީ މިމަހުގެ 12 އިން 14 އަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ދުވާލަކު ދެ ދަންފަޅިއަކަށާއި އެއީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
މި މައުރަޒަކީ ދިވެހި ފޮތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް މުހިންމު ފުރުޞަތެއް ކަމުގައިއާއި އަދި ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް މިފަދަ މައުރަޒުތަކުން އެހީތެރިވެދޭނެ ކަމަށް އުންމީދުކުރެވޭ ކަމަށް ޔުނިވަރސިޓީން ބުންޏެވެ.