ހަމައެކަނި ކުޑަކުދިން ބަރަހަނާ މަންޒަރު ހިމެނޭ 43 ޓެލެގްރާމް ޗެނަލް ހިންގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބަރަހަނާ މަންޒަރުތައް ވިއްކާ ޓެލެގްރާމް ޗެނަލްތައް ހުއްޓުވި މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތުދެމުން ބުނީ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ހިމެނޭ 571 ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި ހަމައެކަނި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ 43 ޗެނަލް ހިމެނޭ ކަމަށެވެ.
އެ ޗެނަލްތަކުގައި ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކޮށްފައިވަނީ ބައެއް ކުދިންގެ ވަނަވަރުވެސް އެނގޭ ގޮތަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ޓެލެގްރާމް ޗެނަލްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ 300,000 އަށް ވުރެ ގިނަ ފޮޓޯއާއި ވީޑިއޯ ހުރި ކަމަށެވެ.
އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34,680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްގާ ރުފިޔާ ނަހަމަގޮތުގައި ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އެކަމުގައި އިސްކޮށް ހިމެނޭ އދ. މަހިބަދޫ ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. މާލެ ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ ސިލިންކޯ، އިސްމާއީލް ރަބީހް (29އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ އިތުރުން ޓެލެގްރާމް ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ.









