ބަރަހަނާ ޓެލެގްރާމް ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ބަރަހަނާ މަންޒަރުތައް ވިއްކާ ޓެލެގްރާމް ޗެނަލްތައް ހުއްޓުވި މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް އިންސްޕެކްޓަރ އަޒީފް އައްބާސް ވިދާޅުވީ އެ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނާއި އެފަދަ ފޮޓޯ/ވީޑިއޯ ގަންނަން ފައިސާ ދައްކާ މީހުންނާއި ފައިސާ ދައްކާފައިވާ މީހުންނާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
އަޒީފް ވިދާޅުވީ އެ ޗެނަލްތަކަށް ސަބްސްކްރައިބް ކުރި މީހުންނަށް ފިޔަވަޅު އެޅޭނެ ޤާނޫނީ ފްރޭމްވޯކެއް އެބަ އޮތް ކަމަށާއި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
އެ ފަރާތްތަކާ މެދު އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރަމުން އަންނަކަމަށް އަޒީފް ވިދާޅުވިއެވެ.
ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ހިމެނޭ 571 ޓެލެގްރާމް ޗެނަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެ ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34,680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާކަމަށް އަޒީފް ވިދާޅުވިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ދެ މިލިއަނެއްގާ ރުފިޔާ ނަހަމަގޮތުގައި ހޯދާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އެކަމުގައި އިސްކޮށް ހިމެނޭ އދ. މަހިބަދޫ ބަހާރުގެ، ޒުބައިރު އަލީ (45އ)، ކ. މާލެ ދަފްތަރު ނަންބަރު ރސ14751 ނާސިފް އަލީ (46އ) އަދި ކ. ކާށިދޫ ސިލިންކޯ، އިސްމާއީލް ރަބީހް (29އ) އެވެ.









