ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މިތަކެތީގެ ވަގުތީ ބަރުދަނުގައި 86.26 ގްރާމް ހުރިކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ވެސް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި، ޅ. ހިންނަވަރު / އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)، ޅ. ހިންނަވަރު / މިދިލިމާގެ، އަޙްމަދު މުޙައްމަދު (36އ)، ޅ. ނައިފަރު / ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)، ޅ. ހިންނަވަރު / ފެހިގެ، މުޙައްމަދު އިރުޝާދު (35އ) އަދި އދ. މަހިބަދޫ / ކުޅިބަލާގެ، ފާޠިމަތު ރީމާ (44އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ފަސްމީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް، ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









