ހުއްދަ ނެތި ޑޮލަރު މާރުކުރާ ދެ ތަނެއް ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ބަންދުކޮށްފިއެވެ.
މިގޮތުން ބަންދުކުރެވުނު ތަންތަނަކީ "ޓްރާންސްފާ މޯލްޑިވްސް" އާއި ޗާންދަނީ މަގުގައި ހުންނަ "ކާށި ބޯޓު ސްވެނިއާ" ފިހާރައެވެ.
ފުލުހުން ބުނެފައިވަނީ މި ދެ ތަން ބަންދުކުރެވުނީ ފުލުހުންގެ އިންޓެލިޖެންސާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަންގެ ދަށުން "ކާށި ބޯޓު ސްވެނިއާ" ގެ ވިޔަފާރި ހުއްދަ ވަގުތީގޮތުން ބާޠިލުކުރެވިފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި އެތަނަކީ އެމްއެމްއޭ އިން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެކެވެ. އެހެންކަމުން، އެ ފިހާރައަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޓްރާންސްފާ މޯލްޑިވްސް ފިހާރަ
މީގެ އިތުރުން، މި އޮޕަރޭޝަންގެ ތެރެއިން އެހެން ބައެއް ތަންތަން ބަލައި ފާސްކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކުރުމަށް އިރުޝާދު ދެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މި މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށާއި، ޤާނޫނާ ޚިލާފަށް ޑޮލަރު މާރުކުރުމުގެ މައްސަލަތަކާއި ގުޅިގެން އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރުދީފައެވެ.









