ފަލަސްތީނުގެ އެތައް ބިލިއަން ފައިސާއެއް އިސްރާއީލުން ފޭރިގެންފި

ޖަވާދު | 445 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2024 19:27
ޚުލާސާ

އިސްރާއީލުން ފަލަސްތީނުގެ އެތައް ބިލިއަން ފައިސާއެއް ވަނީ ހިފަހައްޓާފަ. 11 މަސްދުވަސް ވީއިރު 5 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އިސްރާއީލުން ވަނީ ހިފަހައްޓާފަ. މިފައިސާ ބައިނަލްއަޤްވާމީ ޕްރެޝަރުތަކާ އެކުވެސް އަދިވެސް ދޫކޮށެއް ނުދޭ

އިސްރާއީލު ސަރުކާރުން ގަވާއިދާ ހިލާފަށް ފަލަސްތީނުގެ ޓެކްސް އާމްދަނީން ގާތްގަނޑަކަށް 7.26 ބިލިއަން ޝެކެލް އުނިކޮށް އެ ފައިސާ އަނބުރާ ދިނުމަށް ދެކޮޅު ހަދައިފިއެވެ.


2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަނގުރާމަ ފެށިފަހުން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ފައިސާ ޣައްޒާއަށް ދޫކުރާ ކަމަށް ބުނެ ގާތްގަނޑަކަށް 2.83 ބިލިއަން އެންއައިއެސް އުނިކޮށްފަ އެވެ. އެންއައިއެސް އަކީ އިސްރާއީލުގެ ރަސްމީ ފައިސާ ކަމަށްވާ ނިއު އިސްރާއީލީ ޝެކެލް (₪) އެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގެ ފަލަސްތީނުގެ ސަރަހައްދުތަކުގައި ވެސް މާލީ މުއާމަލާތްތަކަށް ބޭނުން ކުރަނީ އެންއައިއެސް އެވެ.


2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އިސްރާއީލުން ވަނީ ފަލަސްތީނުގެ ފައިސާއިން ޖުމްލަ 3.54 ބިލިއަން އުނިކޮށްފަ އެވެ. މިއީ އެވްރެޖްކޮށް މަހަކު 53.6 މިލިއަން އެވެ. އިސްރާއީލުން މި ފައިސާ ދޫކުރުމަށް ދެކޮޅު ހަދައެވެ.


އިސްރާއީލުން ޣައްޒާއަށް ދޫކުރާ ފައިސާއާއި ޝަހީދުންނާއި ގައިދީންގެ އާއިލާތަކަށް ދޫކުރާ ފައިސާގެ އިތުރުން ޖުމްލަ 6.36 ބިލިއަން ހިފަހައްޓާފައި ވާކަމަށް ހަބަރުތައް ބުނެއެވެ. މީގެ އިތުރުން ބޯޑަރު ހުރަސްކުރާ ތަންތަނުން އެގްޒިޓް ޓެކްސް (ފަލަސްތީނުގެ ދަތުރުވެރިން ދައްކާ ޑިޕާޗާ ފީ) އިން ފަލަސްތީނު އޮތޯރިޓީއަށް ލިބޭ އާމްދަނީ ދިނުމަށް ވެސް ދެކޮޅުހަދައެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ޖަމާވެފައިވާ މި އަދަދު މިހާރު 900 މިލިއަން އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އިސްރާއީލުން ހިފަހައްޓާފައިވާ ޖުމްލަ ގާތްގަނޑަކަށް 7.26 ބިލިއަން އަށް އަރާފައިވާ ކަމަށް އެންމެ ފަހުން ނެރުނު ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.


ކަރަންޓާއި ފެން، ނަރުދަމާ، އަދި ހޮސްޕިޓަލްތައް ފަދަ ޔުޓިލިޓީތައް ކަވަރުކުރުމުގެ ބޭނުމުގައި ފަލަސްތީނުގެ ޓެކްސް އާމްދަނީން (ކްލިއަރެންސް ފަންޑުން) އިސްރާއީލުން ހިފަހައްޓާފައިވާ ފައިސާއާ ގުޅޭގޮތުން 2012 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ ގާތްގަނޑަކަށް 20,200,000,000 އެންއައިއެސް އަށް އަރާފައެވެ. އެމެރިކާ ޑޮލަރުން ބަލާނަމަ މިއީ 5.3 ބިލިއަން ޑޮލަރެވެ.


ފަލަސްތީނު ސަރުކާރުން ދަނީ ގަވާއިދާ ހިލާފަށް ހިފަހައްޓާ ފަލަސްތީނުގެ ފައިސާ ޝަރުތަކާ ނުލައި ދޫކޮށްލުމަށް އިސްރާއީލުގެ އިސްތިއުމާރީ ސަރުކާރަށް ޕްރެޝަރު ކުރުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއެކު މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%