ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ކުރީގެ ހައިކޯޓު ފަނޑިޔާރު އައްބާސް ޝަރީފް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވައިފިއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު، މުއްދަތުގެ ތެރޭގައި އައްބާސް ވަނީ އެ މަޤާމަށް ކުރިމަތިލައްވާފައެވެ.
އެ މަގާމަށް ޝައުގުވެރިވާތީ، އެކަމަށް ކުރިމަތިލެއްވީ ކަމަށާއި މިހާތަނަށް އެކަމާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ގޮތެއް އަންގަވާފައިނުވާ ކަމަށް އައްބާސް ވިދާޅުވިއެވެ.
މި މަޤާމަށް ރައީސްގެ ނިންމުމެއް އަދި ނެތްކަމުގައި ވީނަމަވެސް، ރައީސް އައްބާސްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވާކަމަށް ބެލެވެއެވެ. ނަމަވެސް، މި މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.
އައްބާސް ޝަރީފަކީ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ. އޭނާ ވަނީ ކުރީގެ ރައީސުން މައުމޫނު އަބްދުލްޤައްޔޫމް އަދި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވަކީލުކަންވެސް ކުރައްވާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައި މިވަނީ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފާހަގަކޮށްލެވޭ ކަމަކީ މިހާތަނަށް އެއްވެސް ޕްރޮސިކިއުޓަރ ޖެނެރަލްއަކަށް 5 އަހަރުގެ ދައުރު ފުރިހަމަ ނުކުރެވޭކަމެވެ.









