ފަހަކަށް އައިސް އެކްސިޑެންޓުގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންނަށް އަމާން ތަނަކަށް މަގުމަތި ހެދުމަށް މުހިއްމު ފިޔަވަޅުތަކެއް ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އެގޮތުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ފުލުހުން ބުނި، މިދިޔަ ތިން ދުވަހުގެ ތެރޭގައި 291 އުޅަނދު ބަލައިފާސްކޮށް، 76 އުޅަނދަކާ މެދު ފިޔަވަޅު އަޅާފައިވާކަމަށެވެ.

މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި ޚާއްސަ އޮޕަރޭޝަނުގައި، ހުޅުމާލެއިން 259 އުޅަނދާއި މާލެއިން 32 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ އުޅަނދު ވަނީ ޓޯކޮށްފައެވެ.
ސެޕްޓެމްބަރު 8، 9، އަދި 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި، ހުޅުމާލެއިން 30 ހަތަރު ފުރޮޅުލީ އުޅަނދާއި 229 ސައިކަލު، އަދި މާލެއިން 10 ހަތަރު ފުރޮޅުލީ އުޅަނދާއި 22 ސައިކަލު ބަލައިފާސްކުރިއެވެ. މީގެ ތެރެއިން ހުޅުމާލެއިން 55 އުޅަނދަކާއި މާލެއިން 22 އުޅަނދަކާ މެދު ވަނީ ފިޔަވަޅު އަޅާފައެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މާލެއިން 4 އުޅަނދަކާއި ހުޅުމާލެއިން 5 އުޅަނދެއް ހުއްޓުވާފައިވާއިރު، ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން މާލެއިން 17 އުޅަނދަކާއި ހުޅުމާލެއިން 8 ސައިކަލު ހިފަހައްޓާފައިވެއެވެ. މީގެ އިތުރުން، ޖުމްލަ 39 އުޅަނދެއް ވަނީ ޓޯކޮށްފައެވެ.
މާލެ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ޓްރެފިކް ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލެއްވުމުން، 24 ގަޑިއިރު މަގުތައް ޕެޓްރޯލްކުރާ ގޮތަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއް ވެސް ވަނީ ފަށާފައެވެ.









