މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފުލުހުން ފަށާފައިވާ ޚާއްސަ މަސައްކަތުގެ ތެރެއިން، މާލެ، ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތުދޭނެ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުތަކާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލައި އެކަންކަން ހައްލުކުރާނެ ގޮތުގެ މަޢުލޫމާތު ޙިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ޤަވާޢިދާ ޚިލާފަށް އުޅަނދު ދުއްވާ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް މި ޕްރޮގްރާމުގެ ތެރެއިން ޙިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އުޅަނދު ދުއްވުމުގައި ފުލުހުން ވެސް ސަމާލުކަންދޭންޖޭ ކަންކަމާއި ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް މަޢުލޫމާތު ޙިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފަށާފައިވާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، މަގުމަތީގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.









