ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
މިކަން އިއުލާން ކޮށްފައިވަނީ މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިއެވެ.
މި ބަދަލު ގެނެވިފައިވަނީ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެގޮތުން، ކުރިން ކޭމް ހިންގަމުން އައީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުންނެވެ.
މި ބަދަލާއެކު ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ އަދަދު 9 އަށް ވަނީ އިތުރުވެފައެވެ. މި ބަދަލު ގެނެވުނު ސަބަބާ ގުޅޭގޮތުން ރައީސް އޮފީހުގެ ބަޔާނުގައި ވަކި މަޢުލޫމާތެއް ހިމަނާފައެއް ނުވެއެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ މުވާސަލާތީ ދާއިރާ ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ މުހިންމު މުއައްސަސާއެކެވެ.









