އއ. އުކުޅަހުގައި ސައިކަލަށް 4 މީހުން އަރުވައިގެން ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު އެރަށު ބަނދަރު ސަރަޙައްދުން ސައިކަލެއްގައި ހަތަރު މީހުން އަރުވައިގެން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފާއި ދަނިކޮށް މަޑުކުރަން އެންގުމުން ފުލުހުންގެ އަމުރަށް އެ މީހާ ނުކިޔަމަންތެރިވެ، ހަޑިހުތުރު ބަހުން ހަޅޭއް ލަވައި އަޑުގަދަކޮށް އެ ސަރަޙައްދުގެ އާންމު މަސްލަހަތު ނަގާލާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ އެރަށު ޑޭޒީމާގެ، އަހްމަދު ނަސީމު (29އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށްވެސް ހުރަސް އަޅައި، ސައިކަލު މަޑު ނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.









