ސައިކަލު ހިފެހެއްޓުމުން ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ ލައިޓް ތަޅާލައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ހެމަވަތި، ޒައިދާން މުހައްމަދު ޒާހިރު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، ޒައިދާން ހައްޔަރުކޮށްފައިވަނީ ރޭ ފަތިހު 04:15 ހާއިރު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓު ތަޅާލި މައްސަލައެއްގައެވެ. ޒައިދާނަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައަކާ ގުޅިގެން އޭނާގެ ސައިކަލު ފުލުހުން ޓޯކުރުމަށްފަހު، ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ލައިޓު ތަޅާލި މައްސަލާގައި ޒައިދާންގެ ހަށިގަނޑު ފާސްކުރުމުން އޭނާގެ ޖީބުން މަސްތުވާތަކެތިަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން މިހާރު ދަނީ ޒައިދާން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި އިތުރު ތަފްސީލު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.









