މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލްޣަފޫރު އެ މަގާމުން ވަކިކޮށްފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.
ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ޔޫސުފް އަބްދުލްގަފޫރު ސްޓޭޓް މިނިސްޓަރުކަމުން ވަކިކުރެއްވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވަނީ ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޤާމުތަކަށް، މީހުން ޢައްޔަންކުރުމާއި، އެ މަޤާމުތަކުން މީހުން ވަކިކުރުމާއި، އެ މީހުންގެ އިސްތިޢުފާ ޤަބޫލުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.








