މިފަހުން ހިނގި ނުރައްކާތެރި ރަހީނު މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުޤީޤުގައި ބަންދު ކޮށްފައި ހުއްޓާ އަމިއްލައަށް ދަންޖެހިގެން މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު އިންޑިއާއިން ޕޯސްޓްމޯޓެމް ހެދުމަށްފަހު މިއަދު ހަވީރު ރާއްޖެ ގެނެސްފިއެވެ.
ފުލުހުން ބުނީ އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު 17:00 ގައި ރާއްޖެ ގެނެވިފައިވާ ކަމަށެވެ.
އޭނާގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައި ހުޅުމާލެ ސަހަރާގައެވެ.
އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރަން އުޅުނު މައްސަލައިގައި ފުލުހުން އަތަރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ ދޫނިދޫ ޖަލުގައި އޭނާ މަރުވި ފޫޓޭޖްތަކާއި އެކު، ރަހީނު ކުރަން އުޅުނު މަންޒަރު ފެންނަ ވީޑިއޯއަކާއި، އެ އަންހެން މީހާއާ މުއާމަލާތް ކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ ވީޑިއޯއެއް ނޫސްވެރިންނަށް ދައްކާފައެވެ. މި ފޫޓޭޖް މީޑިއާއަށް ދެއްކުމުގެ ކުރިން އެންމެ ފުރަތަމަ އަތުހަރުގެ އާއިލާއާ ހިއްސާކުރިއެވެ.
އަތުހަރުގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމް އިން ވެސް އަންނަނީ ތަހުޤީޤު ކުރަމުންނެވެ.









