ގެސްޓުހައުސްއަކަށް ފިރިހެނަކު ވައްދައި އަންހެނަކާއި ގުޅިގެން އެ ފިރިހެންމީހާގެ ފައިސާތައް ފޭރުނު މައްސަލައިގައި ހިމެނޭ ދެވަނަ މީހާއަކީ ގއ. ކަނޑުހުޅުދޫ / ވިދާތަރި، 41 އަހަރުގެ އިކްލީލް އިބްރާހިމްއެވެ. އިކްލީލަކީ 2003 ވަނަ އަހަހަރު ސެޕްޓެމްބަރު 20 ވަނަ ދުވަހު މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާއާ ގުޅިގެން މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި މާލޭގެ އެކިތަންތަނަށް ގެއްލުންދީ ހުޅުޖެހުމުގެ ކުށް ސާބިތުވި މީހެކެވެ.
ވަޅިން މީހަކަށް ބިރުދައްކާ ފައިސާ ފޭރުނު މައްސަލައިގައި ހިމެނޭ އިކުލީލް މިހާރު ވަނީ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މީނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭގެ ކުރިން ފުލުހުން ވަނީ އެމައްސަލައިގައި ހިމެނޭ އޭނާގެ “ޕާޓްނަރު” ސ.މަރަދޫ / އާއިޝަތު މަލްޖާ މޫސާ ދީދީ ކުންނާރުގެ، 27 ހައްޔަރު ކޮށްފައެވެ.
މި ދެމިހުންގެ ބަންދަށް ވެސް ޖަހާފައި ވަނީ 15 ދުވަހެވެ.
މިދިޔަ މަހުގެ 26ވަނަ ދުވަހުގެރޭ މި ދެމީހުން ވަނީ ގެސްޓް ހައުސްއަކަށް މީހަކު ވައްދާ، ވަޅިން ބިރުދައްކައި، ބޭންކް އެޕްލިކޭޝަން މެދުވެރިކޮށް އަދި ކޭޝްކާޑް މެދުވެރިކޮށް 53،000 ރުފިޔާ ފޭރިގަނެފައެވެ.
އިކުލީލް ކޯޓުގައި ބުނެފައިވަނީ، އޭނާ ބްރެއިން ޓީއުމަރެއްގެ މައްސަލައިގައި އައިޖީއެމްއެޗްއަށް ދައްކަންޖެހޭތީ އެތާ ކައިރިން ކޮޓަރިއެއް ކުއްޔަށް ނަގައިގެން ހުންނަ ކަމަށެވެ. އަދި އޭނާ ހުންނަ ކޮޓަރިއަށް އިތުރު ފަރާތްތައްވެސް އަންނަ ކަމަށް ބުނެފައިވެއެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ މީނާއާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުގައި ވާގޮތުން ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ފަރާތަކާއެކު މީނާ، ހަށިގަތުމަށް ގުޅާ ފަރާތް ކޮޓަރިއަކަށް ގެނެސް ބިރު ދައްކާ ފައިސާ ފޭރިގަނެފައިވާ ކަމަށެވެ. މިގޮތުން އޮގަސްޓް އަދި ސެޕްޓެމްބަރު މަހުވެސް މިފަދަ 6 އިންސިޑެންޓެއް ހިނގާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ފޭރުނު ފައިސާގެ ތެރެއިން ގިނަ ފައިސާ ޖަމާކޮށްފައިވަނީ މީނާގެ ނަމުގައިވާ އެމްއައިބީ އެކައުންޓަކަށް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އިކުލީލަކީ މީގެކުރިން ހެންވޭރު، ލަކީ ޕެލަސްގެ ކޮޓަރިއެއްގެ ތެރޭގައި ފިރިހެނަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޮވައިގެން އޮއްވާ ވަދެ ތޫނު އެއްޗަކުން ބިރު ދައްކާ ފިރިހެން މީހާގެ ދެ ކޭޝް ކާޑާއި ދެ މީހުންގެ އައިޑީ ކާޑް އަތުލުމަށްފަހު ކޭޝް ކާޑުން ފައިސާ ނެގި މައްސަލައެއްގައި ވެސް ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުނެއެވެ.









