ކުޑަކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުން ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވަނީ ރ. މާކުރަތު މީހެއް ކަމަށެވެ.
އޭނާ ހައްޔަރުކުރި އިރު، ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ އޭނާގެ ފޯނުން ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ ކުރި ނަމަވެސް އެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.
މިއީ ކުޑަކުއްޖެއްގެ މަސްލަޙަތު ހިމެނޭ މައްސަލައެއް ކަމުން، ހުކުމުގެ ތަފްސީލު ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް ޢަމަލުކުުރުމުގެ ޤާނޫނު އޮންނަ ގޮތުން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލައިފިނަމަ، އެ މީހަކު 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިިދިޔަ މަހު އެކަނިވެސް ޖިންސީ ގޯނާގެ 41 މައްސަލައެއް ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ.









