މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ޤަވާއިދުގެ ތެރެއިން ނައްތާލެވޭ ވެހިކަލްތައް ގެންދާ މަންޒަރު ކަމަށް ފުލުހުން ބުނެފިއެވެ.
އެ ވީޑިއޯ އާންމުކުރި ފަރާތުން ބުނެފައިވަނީ މެރީބްރައުން ރެސްޓޯރެންޓު ކައިރީގައި ހުންނަ ފުލުހުންގެ ވެހިކަލް ޓޯ ޔާޑުގެ ތެރެޔަށް, ޓޯކުރި ސައިކަލްތަކެއް ފުލުހުން އުކާލަނީ ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެނިގެން ދަނީ އިއްޔެގެ ވަގުތެއްގައި ޤަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތައް ނައްތާލުމަށް ގެންދާ މަންޒަރު ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެއީ އެ ޓޯޔާޑުން ނަގަމުންދާ ވެހިކަލްތައް ނައްތާލުމަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށް ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނައްތާލެވުނު ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ:
- 247 ދެފުރޮޅުލީ ވެހިކަލް
- 29 ހަތަރުފުރޮޅުލީ ވެހިކަލް
- 223 ބައިސްކަލް
- 1 އެމްބިއުލާންސް
ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި، ޤަވާއިދާ ޚިލާފަށް ޕާކުކުރެވޭ އަދި ދޫކޮށްލެވިފައިވާ ވެހިކަލްތައް ފުލުހުން ދަނީ ޓޯކޮށް، ޤަވާއިދުން ނައްތާލަމުންނެވެ. މިކަމަކީ މާލޭގެ މަގުތަކުގައި ދިމާވެފައިވާ ޕާކިންގގެ ދަތިކަން ޙައްލުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއްވިއެވެ.









