ފިރިހެނަކު ކޮޓަރިއަކަށް ވަނުމަށް ދައުވަތުދީ އޭނާގެ އަތުން 53،000 ރުފިޔާ ފޭރިގަތުމުގެ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 26ވަނަ ދުވަހުގެ ރޭ 21:30 އެހާކަށްހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އައިޖީއެމް ހޮސްޕިޓަލް ކައިރިން ފިރިހެނެއް ހުއްޓުވައި، އޭނާއަށް ރޫމަކަށް ދިއުމަށް ދައުވަތު ދިނުމަށްފަހު، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓްހައުސްއަކަށް ގެންގޮސް، އިތުރު ފިރިހެނަކު މި ފޭރުމުގައި ބައިވެރިވިއެވެ. މި ހާދިސާގައި ގެއްލުން ލިބުނު ފަރާތުގެ ފޯނާއި ކޭޝް ކާޑު އަތުލައި، އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން، އުމުރުން 27 އަހަރުގެ ދިވެއްސެއް ކަމަ ކަމަށްވާ އާއިޝަތު މަލްޖާ މޫސާ ދީދީ، ކުންނާރުގެ/ ސ. މަރަދޫ ހައްޔަރުކޮށްފައިވެ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ގާޟީ އަމުރުކޮށްފައިވެ އެވެ.









