ނިމިދިޔަ އޮގަސްޓް މަހު ވައްކަމުގެ 323 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. އެގޮތުން ވައްކަމުގެ 323 މައްސަލައެއް ހުށަހަޅާފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ މައްސަލަކަމަށްވާ، ޓްރެފިކް އެކްސިޑެންޓުގެ 204 މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މިިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- ވައްކަމުގެ 323 މައްސަލަ
- ޓްރެފިކް އެކްސިޑެންޓުގެ 204 މައްސަލަ
- މުދަލަށް ގެއްލުން ދިނުމުގެ 50 މައްސަލަ
- މަކަރާއި ޙީލަތުގެ 37 މައްސަލަ
- ޖިންސީ ގޯނާގެ 41 މައްސަލަ
- އަނިޔާކުރުމުގެ 53 މައްސަލަ
- ގެވެށި އަނިޔާގެ 31 މައްސަލަ
- ފޭރުމުގެ 46 މައްސަލަ
- ފޯޖް ކުރުމުގެ 16 މައްސަލަ
- މަސްތުވާތަކެއްޗާ ގުޅޭ 131 މައްސަލަ
- އެއްޗެހި ގެއްލުމުގެ 78 މައްސަލަ
ވައްކަމުގެ އިތުރުން ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފުރާނައަށް ނުރައްކާވާފަދަ ޙާދިސާތައް އާންމު ވަމުން އަންނައިރު، ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައިވެސް ޒުވާނަކު ވަނީ ނިޔާވެފައެވެ.
ފުލުހުން އަންނަނީ މިފަދަ އެކްސިޑެންޓުތައް މަދުކުރުމުގެ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ.









