މ. ނާލާފުށީގައި ސައިކަލެއް ރޯކޮށްލި މައްސަލަ ފުލުހުން ބަލަން ފަށަިއިފިއެވެ.
ފުލުހުން ބުނި ގޮތުގައި އެރަށުގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ރޯކޮށްލާފައި ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 3:00 އާއި 3:30 އާ ދެމެދުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ ރޯކޮށްލި ސައިކަލު ބަހައްޓާފައި ހުރީ ގޯތީގެ ބޭރު ފާރު ކައިރީގައި ކަމަށެވެ. އަދި ސައިކަލުގެ ވެރިފަރާތް ދިރިއުޅެނީ މާލޭގައި ކަމަށާއި، މިހާރު ސައިކަލު ދުއްވަމުން އަންނަނީ ވެރިފަރާތުގެ ބޭބެ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާއަކީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ސައިކަލު ދުއްވާ ފަރާތުން ބުނީ، އޭނާ ރޭގަނޑު 12:00 ގައި ޑިއުޓީ ނިންމާފައި ގެއަށް އައިއިރު ސައިކަލު ހުރީ ރަނގަޅު ހާލަތުގައި ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށާއި، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ފުލުހުން ބުންޏެވެ.









