21 އަހަރު ފަހުން ފުރަތަމަ ފަހަރަށް މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ އެވޯޑު ލިސްޓުން ގެއްލިއްޖެއެވެ.
ދުނިޔޭގެ އެންމެ މޮޅު ދެކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ފުރަތަމަ ފަހަރަށް 30 ކުޅުންތެރިންގެ ބެލޮންޑިއޯ ނޮމިނޭޓް ލިސްޓުން ބާކީ ވެފައިވާއިރު، މިކަމުެ އަސްލު ސަބަބަކީ ޔޫރަޕުން ބޭރަށް އެވޯޑު ގެންދަން ފީފާއިން ބޭނުން ނުވަނީތޯ މިއީ އުފެދޭ ސުވާލެކެވެ.
ރޮނާލްޑޯއާއި މެސީ ޔޫރަޕާއި އަލްވަދާޢު ކިޔުމަށްފަހުވެސް ފުޓުބޯޅައިގައި ކުރިޔަށްދާއިރު ޚާއްސަކޮށް މެސީއަކީ އާޖެންޓީނާ ވޯލްޑް ކަޕާއި ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިނުމަށްފަހު 2023 ވަނަ އަހަރު ރެކޯޑް މުގުރާލި އަށް ވަނަ ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާއެވެ. އެހެންކަމުން ބެލޮންޑިއޯ އެވޯޑުގެ އިންސާފުވެރިކަމާއިމެދު ސުވާލު އުފައްދާ މީހުން އެބަތިއްބެވެ.
މިހާރު ސައުދީ އަރަބިއްޔާގައި ހުންނަ އަލް ނަސްރު އަށް ކުޅެމުން އަންނަ ރޮނާލްޑޯގެ ނަމުގައި ފަސް ބެލޮންޑިއޯ ތަށި އޮތް ނަމަވެސް އޭނާ ވެސް ލިސްޓުން ގެއްލިފައިވެ އެވެ.
މިއަހަރުގެ ނޮމިނޭޓް ކުޅުންތެރިންގެ ތެރޭގައި އާ ޖީލެއްގެ ތަރިން ހިމެނޭއިރު، އިންގްލެންޑްގެ ހަ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޖޫޑް ބެލިންހަމް، ޑެކްލަން ރައިސް، ފިލް ފޯޑެން، އަދި ހެރީ ކޭން ހިމެނެ އެވެ. އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އާއި އެމިލިއާނޯ މާޓިނޭޒް ވެސް މި ލިސްޓުގައި ހިމެނޭއިރު، ފްރާންސްގެ ސުޕަސްޓާ ކިލިއަން އެމްބާޕޭ އަކީ ވާދަވެރިއެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ލިސްޓުގައި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އާއި ފްރާންސްގެ ކަރީމް ބެންޒެމާ ފާއިތުވި އަހަރުތަކާއި ޚިލާފަށް މިއަހަރަކު ނެތެވެ.
ބެލޮންޑިއޯ ހަފްލާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ޕެރިހުގައި ބާއްވާއިރު، މެސީ އާއި ރޮނާލްޑޯގެ ފަހުގެ ޒަމާނުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތަށި ލިބޭނީ ކާކަށްތޯ ބެލުމަށް އެތައް މިލިއަން ސަޕޯޓަރުން ތިބީ އިންތިޒާރުގައެވެ.








